މާކަނޑޫދޫ އަވަށު ވާދަ
އިހުޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮތް އަވަށު ވާދައިގެ ވާހަކަތައް ދުވަސްވީ މީހުންގެ/މީހެއްގެ ފުށުން އޮޅުން ފިލުވާލުމުގެ ޝައުގު އޮތުމާއިއެކު ށ.މާކަނޑޫދޫގައި (މާކަނޑޫދޫ މީހުން މިހާރު ވަނީ އެ އަތޮޅު މިލަންދޫގައި އާބާދު ކުރެވިފައި) އަވަށު ވާދަވެރިކަން އޮތްނެތް ގޮތް އޮޅުން ފިލުވާލުމަށްޓަކައި އެ ރަށު އަބްދުލް ހަކީމް (70) އާއި ވާހަކަ ދައްކާލީމެވެ.
މިގޮތުން އަބްދުލް ހަކީމް ވަނީ މީގެ ފަންސާހަކަށް އަހަރު ކުރީގައި އެ ރަށުގައި އަވަށު ވާދަވެރިކަން އޮންނަ ގޮތް ހަނދާނުގައި ހުރި މިންވަރުން ހިއްސާ ކޮށްފައެވެ.
މާކަނޑޫދޫގައި އޮންނަނީ ދެ އަވަށެވެ. އެއީ ޅޮސް އަވަށާއި ތުނޑި އަވަށެވެ. އެ ޒަމާނުގައި މި ދެ އަވަށުގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އޮވެއެވެ. ހާއްސަކޮށް އަންހެން ކުދިންގެ މައްސަލާގައި އޮންނަ ދެބަސްވުމާއި އަރާރުންވުން ބޮޑެވެ. ޒަމާނަކީ މަގުތަކުގައި އަލިކަމެއް ހުންނަ ދުވަސްވަރަކަށް ނުވުމާއިއެކު ވަގަށް އެއް އަވަށުން އަނެއް އަވަށަށް ޒުވާން ފުރާގެ ފިރިހެން ކުދިން އަންހެން ކުދިން ހޯދަން ގޮސް އުޅުން އޮންނަނީ ފަސޭހަކަމަކަށް ވެފައެވެ. އަންހެން ކުދިން ހޯދަން އަންނަ ފިރިހެން ކުދިން އަތުލައިގަތުމަށް އަނެއް އަވަށު ފިރިހެން ކުދިން ވެސް ފާރަލާ ހަދާނެއެވެ. ވުމާއިއެކު އަންހެން ކުދިން ހޯދުމަށް އަނެއް އަވަށަށް ވަގަށް ވެސް ދާން ކެރޭނީ ހިތްވަރު ހުންނަ ފިރިހެން ކުއްޖަކަށެވެ. މިހެން ވަގަށް އުޅެނިކޮށް އަނެއް އަވަށު ފިރިހެން ކުދިން އަތްދަށު ވެއްޖެނަމަ ބޮލުގައި ޓަކިތަޅައި ބޯ ފަޅައިލުންފަދަ ކަންކަން ކުރާ ފަހަރު ވެސް އާދެއެވެ. އަދި މިނޫން ވެސް ކުދި އަނިޔާތައްދީ އުޅެއެވެ.
ހަކީމް ބުނާގޮތުން ނަމަ އެ ޒަމާނުގައި ރަށުގައި އަންހެން ކުދިން މަދުވުމަކީ، އަންހެން ކުދިންގެ މައްސަލަތައް ފިރިހެން ކުދިންގެ މެދުގައި ޖެހެން ދިމާވާ މައިގަނޑު އެއް ސަބަބެވެ. މީގެއިތުރުން އެއް އަންހެން ކުއްޖަކާއި ދެ ފިރިހެން ކުދިން ހިތާވުންފަދަ މައްސަލަތައް ވެސް ކުރިމަތިވެއެވެ.
ރާއްޖޭގައި ބޮޑުމަސް ދުއްވުމުގެ ކުޅިވަރު އާންމު ގޮތެއްގައި ފެނިގެންދާނީ ބޮޑު އީދުގައެވެ. މާކަނޑޫދޫގައި ބޮޑުމަސް ދުއްވާ އުޅެނީ ކަނދިދުވަހާއި ގުޅުވައިގެންނެވެ. ދިވެހިން އިހުގައި ފާހަގަކޮށް އުޅުނު ކަނދިދުވަހަކީ މުހައްރަމް މަހުގެ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހެވެ. މި ދުވަސްތަކަށް ކަނދިދުވަހޭ ކިޔުނީ ކަނދިކައްކައިގެން ގޭގޭގައި ޞަލަވާތް ކިޔަވައި އަދި އެ ކަންޖާއިއަޅައި ކުދިން ކިރައި ހަދާތީއެވެ.
ކަނދިދުވަހާއި ގުޅުވައިގެން ބޮޑުމަސް ދުއްވުމުގެ ކުޅިވަރަށް، އެ ރަށު ދެ އަވަށުގައި ބޮޑުމަސް ތައްޔާތު ކުރެއެވެ. ދެ އަވަށުގައި ވެސް ބޮޑުމަސް ތައްޔާރުކޮށް އުޅެނީ ރުކުގެ ފަން ބޭނުން ކޮށްގެނެވެ. ހާއްސަކޮށް ގިނައަދަދަކަށް ބޮންތި ފަން ބޭނުން ކޮށްގެންނެވެ. ދެ އަވަށުގެ ބޮޑުމަސް ވެސް ހަދާފައި ހުންނަނީ އޭގެތެރޭ މީހުން ތިބެގެން ދުއްވާ ގޮތަށެވެ. މީހުން އޭގެތެރޭ ތިބޭއިރު ފެންނާނީ ކަކުލުންތިރިއެވެ. ދުރުން ބަލާމީހުންނަށް އޭގެތެރޭ ތިބީ ކޮންބައެއްކަން އެނގުނަ ނުދިނުމަށްޓަކައި މަހުގެ ވަށައިގެން ފަނުން އިރުވާން އެލުވާފައި ހުރެއެވެ.
ކަނދިވިލޭރެއިން ފެށިގެން ތިންރޭ ވަންދެން ކޮންމެ އަވަށެއްގައި ބޮޑުމަސް ދުއްވުން އޮންނާނެއެވެ. މިއީ މާކަނޑޫދޫގައި އިހުގައި އަވަށު ވާދަވެރިކަން ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވާ ކުޅިވަރެކެވެ. ފަނުންވިޔެ މަސް ތައްޔާރުކުރާއިރު އެއްބަޔަކު މަހަށްވުރެ އަނެއް ބަޔަކު މަސް ފުރިހަމަކޮށް ހެދުމަށް މަސައްކަތް ކުރުން ވެސް އޮންނަނީ ވާދަވެރިކަމަކަށް ވެފައެވެ.
ދެ އަވަށުގައި ބޮޑުމަސް ދުއްވުން އޮންނާނީ ރޭގަނޑު އިޝާނަމާދަށް ފަހުއެވެ. މަހުގެ ތެރެއަށް އެއްބަޔަކު އެރިގެން ދުއްވަން ތިބޭއިރު ވަށައިގެން “މަސް ގާޑުން” ގެ ގޮތުގައި ގައިގައި ވަރުހުރި ބޮޑެތި މީހުން ތިބޭނެއެވެ. އަދި ބޮޑުމަހާއިއެކު ތަފާތު ނަންނަން ކިޔާ ފަންމާލިތައް އުޅޭނެއެވެ. އެ މާލިތަކުގެ ތެރޭގައި ފަންމާލި، ފޯމާލި، ކަކުނި ފޮށިގަނޑުގެ ނަމުން ނަންދެވިފައިވާ މާލިތައް ހިމެނެއެވެ. ޕެރޭޑެއްގޮތަށް މަސް މެދުގައި ބާއްވައިގެން ރަށުގެ މަގުތަކުގައި ދުއްވާއިރު، ފުރަތަމަ ރޭ މަސް ދައްކާލުމަށްޓަކައި އެއްއަވަށު މަސް އަނެއް އަވަށުގެ މަގުތަކަށް ގޮސް ދުއްވާނެއެވެ. އަނެއް އަވަށު މަގުތަކުގައި މަސް ދުއްވާނަމަ އެ އަވަށު މީހުން ނުކުމެ މަސް ކަފާލަން ވެސް މަސައްކަތް ކުރާނެއެވެ. ނަމަވެސް މަސް ގާޑުން އަނެއް އަވަށު މީހުން މަހާއި ކައިރިވިޔަނުދީ ހިފަހައްޓާނެއެވެ.
ފުރަތަމަ ދެރޭ އެ ގޮތަށް ކުޅިވަރު ނިމިގެންދިޔަ ނަމަވެސް ތިންވަނަރޭ އާންމުކޮށް އެއްއަވަށު މަސް އަނެއް އަވަށު މަހާއި ޖެއްސުން އޮންނާނެއެވެ. އެ ރޭ މަސް ދުއްވާއިރު އެއްމަސް އަނެއް މަހުގެ ފަހަތު އަޅުވާނެއެވެ. އެރޭ މަސްދުއްވާއިރު އެއްމަސް އަނެއް މަހުގައި ޖައްސައި، މަސް ހަލާކުކޮށްލަން މަސައްކަތްކުރާނެއެވެ. އެ އަވަށެއްގެ މަސް ސަލާމަތުން ބާއްވައި އަނެއް އަވަށު މަސް ހަލާކުކޮށްލަން މަސައްކަތްކުރާނެއެވެ. އެބައެއްގެ މަސް ދިފާއުކުރަން އެބަޔަކު މަސައްކަތް ކުރާއިރު، އަނެއް އަވަށު މަސް ހަލާކުކޮށްލެވުމަކީ ޝަރަފެއްކަމުގައި އޭރު އައީ ދެކެމުންނެވެ.
zuvaanmasveriya. com/ article/ avashu-vaadha-verikan/







