ތާރީޚު: ދިވެހި ރާއްޖޭގައި މަރުހިފުމުގެ ހާދިސާ 1
މުހައްމަދު ޝިހާބް
20/11/2020 - 14:00
ދިވެހި ތާރީޚު ދައްކާ ގޮތުން ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން ހުކުމްކޮށް މީހުން މެރުން ނުވަތަ މަރުހިފުމަކީ ކޮށްއުޅުނު ކަމެއް ނޫނޭ ބުނެވިދާނެއެވެ. އެހެނީ ދިވެހިރާއްޖޭގައި އިސްލާމް ދީން ގާއިމުކުރެވުނު ކަމަށް ބަލާ މީލާދީ ގޮތުން 1153 ވަނަ އަހަރުން ފެށިގެން މިހާތަނަށް (2020 އަށް) 867 އަހަރު ވެފައިވާއިރު މަރުހިފުމުގެ ހާދިސާއަކަށް އެނގެން އޮތީ އެންމެ ހާދިސާއެވެ. އެއީ މީގެ 67 އަހަރު ކުރިން، 1953 ގައި ހުކުމް ތަންފީޒުކުރުމުގެ ގޮތުން ގއ.ނިލަންދޫ ހަކީމު ދީދީ ގަޔަށް ބަޑިޖަހައި މެރުމުގެ ހާދިސާއެވެ.
މި ހާދިސާއިން އެގެން ހުރި މައުލޫމާތުތަކަށް ވިސްނާލާއިރު ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ މެރުމުގެ އެހާދިސާ ހިނގާފައިވާ އެވަނީ އެންމެ ފުރިހަމައަށް ތަހުގީގު ކުރެވި ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުކުރެވިގެން ބާވައެވެ؟ އަދި އެ މަރުހިފުން ކުރިޔަށްގެންދެވިފައި ވަނީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ބާވައެވެ؟ ނަމަވެސް މަރުހިފުމުގެ އެހާދިސާ އެއޮތީ ދިވެހިރާއްޖޭގައި ހިނގާފައެވެ. ދެން އޮތީ އެކަމުން އިބުރަތް ލިބިގަތުމެވެ.
މަރުހިފުމުގެ މިހާދިސާއަށް ބަލާއިރު އެގެންއޮތީ އެއީ ގދ.އަތޮޅު ވެރިޔާ ވީރު އަލީ ދީދީއަށް ސިހުރު ހަދައި/ވިހަ ބޯންދީގެން ބަޔަކު އޭނާ މަރާލުމާއި އަދި އޭރުގެ ރާއްޖޭގެ ބޮޑުވަޒީރު މުހައްމަދު އަމީނު ދީދީ އަވަހާރަކޮށްލުމަށް ސިހުރު ފަންޑިތަ ހެދުމާއި ގުޅިގެން އައި މަރުހިފުމުގެ ހުކުމެއް ކަމެވެ. ދިވެހި ތާރީޚުގައި މިވާހަކަ މަޝްހޫރުވެފައި ވަނީ ރައީސް އަމީނު ދީދީ އަވަހާރަކޮށްލުމަށް ސިހުރު ހެދުމުގެ ސަބަބުން މަރުހިފުމަށް ކުރެވުނު ކަމެއްގެ ގޮތުގައެވެ. ނަމަވެސް މައްސަލާއިގެ އަސްލު ގުޅެނީ މުޅިން އެހެން މީހަކަށް ސިހުރު ހަދައި މަރުވި މައްސަލައަކާއެވެ. މިހާދިސާތައް ހިނގާފައި ވަނީ މީލާދީން 1952 އާއި 1953 ގައެވެ.
މައްސަލައިގެ ހާދިސާ
އޭރު ހުވަދު އަތޮޅު އަތޮޅުވެރިޔަކަށް ހުރި ވީރު އަލީ ދީދީގެ އާއި މެދު އެ އަތޮޅު ވިލިގިލީ ދޮން އަހުމަދުގެ އަނީސް ކިޔާ މީހަކާއި ދެމެދު އުފެދުނު އަދާވަތްތެރިކަމެއްގެ ސަބަބުން އަތޮޅުވެރިޔާ ވީރު އަލީ ދީދީއަށް ސިހުރު ހަދުވައި ވިހައެއް ބޯންދީ އޭނާ މަރާލުމާއި ގުޅިގެން ހިންގި ތަހުގީގެކެވެ. މި އަދާވާތްތެރިކަމަކީ ހުވަދުއަތޮޅު ތިނަދޫއާއި އެއަތޮޅު ވިނލިގިއްޔާ ދެމެދު ކުރީއްސުރެ އޮތް ރަށުގެ ވާދަވެރިކަމުގެ ބައެކޭ ވެސް ބުނެއެވެ. ހުވަދުއަތޮޅު (ގއ. އަދި ގދ. އަށް) ދެބައި ކުރުމުގެ ކުރިން ތިނަދޫ އާއި ވިލިނގިއްޔަކީ ވަރަށް ވާދަވެރި ދެރަށްކަމަށް ވެއެވެ. ވެރިކަން ކުރަމުން އައީ ތިނަދޫގައެވެ. މައްސލާގައި ހިމެނޭ މަޝްހޫރު ފަންޑިތަވެރިޔާ ހަކީމު ދީދީގެ ރަށަކީ ވިލިނގިއްޔާއި ޖެހިގެން ކައިރީގައި އޮންނަ ނިލަންދޫ އެވެ.
ތިނަދޫގައި ހުރި އަތޮޅުވެރިޔާ ވީރު އަލީ ދީދީ އަކީ ދައުލަތުގައި ބަސްވިކޭ ބާރުގަދަ ވެރިއެކެވެ. އެއާއެކު މުޅި ރާއްޖޭގައި ވެސް އޭރު ހުރި ބާރުގަދަ ފަންޑިތަވެރިޔާ ހަކީމު ދީދީ އާއި މެދު އަތޮޅުވެރިޔާ އެހާ ރުހޭ ކަމަކަށް ނުވެއެވެ. އަތޮޅުވެރިކަމުގެ ބާރާއި ފަންޑިތަވެރިކަމުގެ ބާރުގެ ދެމެދުގައި އޮތް ނުތަނަވަސް ކަމަކީ ބާވައެވެ؟ ވީރު އަލީ ދިދީ އަތޮޅުގެ ރަށްރަށަށް ދަތުރުކޮށް ދައުލަތަށް ދައްކަން ޖެހޭ “ޓެކްސް” (ހިކިމަހާއި ކުފުރާ) ދައްކަމުން ދޭތޯ ބަލަމުންދިޔައެވެ. 1952 ގައި އަމީން ދީދީގެ ބޮޑު ވަޒީރުކަމުގައި ހުރިހާ ވިޔަފާރިއެއްގެ ކޮންޓްރޯލް މާލެއަށް ނެގުމުގެ ނުތަނަވަސްކަން ދެކުނުގެ 4 އަތޮޅުގައި ވެސް އޮތެވެ. އެއާއެކު އަމީނު ދީދީގެ ޒަމާނީ ވިސްނުމާއި ދެކޮޅު މީހުންވެސް އުފެދެމުން ދިޔައެވެ. އެގޮތުން އަމީނު ދީދީގެ އުސޫލުތަކުގެ ދަށުން ރަށްރަށުގައި ސީދާ ބޮޑެތި މަގުތައް ހަދަންމުން ދިއުމުން މީހުންގެ ގޯތިން ބައެއް ގެއްލުމާއި ރުއްގަސް ގެއްލި، ބަދަލެއް ނުލިބި ދިޔުމުން މީހުންގެ ނަފުރަތު ބޮޑުވަމުން ދިޔައެެވެ. އަދި އަންހެނުން ކުރިއަށްނެރެން ކުރި މަސައްކަތަށް ވެސް އޭރު ގިނަބައެއްގެ ނުރުހުން އޮތެވެ.
އަތޮޅުވެރިޔާ ވީރު އަލީ ދީދީއަކީ އަމީނުގެ އިތުބާރު އޮތް އޭނާގެ އުސޫލުތައް ހުވަދުއަތޮޅުގައި ހިންގަމުން އައި ބާރުގަދަ ވެރިއެވެ. ދެރަށުގެ ވާދަވެރިކަމާއި އެކު ވީރު އަލީ ދީދީ ނެތިކޮށްލުމަށް (މަރާލުމުށް) ވާދަވެރި ވިލިނގިލީ ފަންޑިތަވެރިޔާ ދޮން އަހުމަދުގެ ދަރި އަނީސް (ރެކިފުތާ) ގެ ނިޔަތް އޮވެމެ، އެކަމަށް ނިލަންދޫ ހަކީމު ދީދީގެ އެހީތެރިކަން ހޯދިއެވެ. އެގޮތުން ވީރު އަލީ ދީދީ އާއްމުކޮށް އަތޮޅުތެރެގައި ކުރާ ދަތުރުގެ ބުރެއްގޮތުން ވިލިނގިޔަށް ކުރި ދަތުރަކަށް އަނީސް އާއި އޭނާގެ ބައިވެރިން ތައްޔާރުވަމުން ދިޔައެވެ.
އަނީސްގެ އެދުމަށް، އޭރު މުޅި ރާއްޖެއިން ވެސް މަޝްހޫރު، ފަންޑިތަވެރިޔާ ގއ. ނިލަންދޫ ޙަކީމް ދީދީ ވިލިގިއްޔަށް ގެނެސް ސިހުރުގެ ފަންޑިތައެއް ހެދިއެވެ. މި ސިހުރު ހެދުމުގައި ހަކީމު ދީދީގެ އިތުރުން ގއ. ވިލިނގިލީ ދޮންދިޔަގެ އަލީ ތައްޚާނާއި، ދޮން އަހުމަދުގެ އަލީ ތަކުރުފާނާއި، ދޮން އަހުމަދުގެ އައިސާ ފާނު އަދި ދޮން އަހުމަދުގެ އަނީސް ގެ އަންހެނުން ފާތިމަތު ދީދީ އެކިގޮތްގޮތުން ބައިވެރިވެފައި ވެއެވެ.
ދިވެހި ތާރީޚުގައި މަރުގެ ހުކުމް ތަންފީޒު ކުރި ހަމައެކަނި ހާދިސާގެ ކުށްވެރިން އަދި އޭރުގެ ރައީސް މުހައްމަދު އަމީނު ދިދީ
ވިލިނގިލީ ފަޅުތެރެއިން އަނީސް ވިހަ ހިކައެއް ހިފައިގެން އައިސް ސިހުރު ހަދުވާފައިވާ ވިހަ ހިކަ ލައިގެން އައިސާފާނު ލައްވައި ސައި ކެއްކުވިއެވެ. އަދި އެސައި ވީރު އަލީ ދީދީއަށް ގެންގޮސް ދިިނީ އަނީސްގެ އަންހެނުން ފާތިމަތު ދީދީއެވެ.
ވިލިގިއްޔަށް ކުރާ ދަތުރު ތަކުގައި ވީރު އަލީ ދިދީއަށް އަބަދުވެސް ދޮން އަހުމަދު ގެއިން ސަޔަށް ދައުވަތު ލިބެއެވެ. އެގޮތުގެ މަތީން އެފަހަރު ވެސް ދައުވަތު ލިބި، ދޮން އަހުމަދާއި އެކު އެގޭގައި ބޯކިބަލާއި އެކު ސަޔާއި ބޮމުން ސިޔާސީ ވާހަކައާއި ދައުލަތަށް ދައްކަން ޖެހޭ “ޓެސްކްގެ” ވާހަކަ ދައްކަމުން ދިޔަކަމަށް ވެއެވެ. އެ ދަތުރުގައި ބޮޑަށް ވާހަކަ ދެކެވުނީ ރާއްޖޭގެ އައު ޒުވާން ލީޑަރު އަމީން ދީދީ ގައުމުގެ ކަންކަމާއި ހަވާލުވެފައިވާ ވަހަކައާއި މާލެ ފޮނުވަން ޖެހޭ “ޓެކްސް”ގެ ވާހަކަ ކަމަށްއެވެ. އެދުވަސްވަރުގެ ރައްޔިތުންގެ އަތްމަތި ދަތިކަމާއި (ދެވަނަ ބޮޑު ހަގުރާމައަށްފަހު ރާއްޖެއަށް ކުރިމަތިވި ތަދުމަޑުކަން) ވިޔަފާރިތައް މާލެއިން ކޮންޓްރޯލްކޮށް ޓެސްކް ނަގާތީ ދޮން އަހުމަދުގެ އޮތް ނުތަނަވަސްކަން ހާމަކުރިއެވެ.
ސައިބޮއެ ނިމި މާގިނަ އިރެއްނުވެ ވީރު އަލީ ދީދީގެ ހަތަރެސްފައިން ބާރުދަށްވާން ފަށައި، އަތްފައި ތުރުތުރުލައި ވާހަކަ ދެއްކުމަށް އުނދަގޫވެ ހާލު ދެރަވާން ފެށިއެވެ. އަދި ލޮލުގެ ކަޅި ހުއްޓި ހޭނެތިގެން ވެއްޓުނެވެ. އެއާއެކު އަތޮޅުު ބައްތެލީގައި އައި ވީރު އަލީދީދީގެ ބައިވެރިން އަވަހަށް އޭނާ ނަގައި އަނބުރާ، އަތޮޅުގެ އަނެތް ބިތުގައި (ހުޅަގުބިތުގައި) އޮންނަ، ތިނަދޫއަށް ގެންދިޔައެވެ. ނަމަވެސް ހާލު ދެރަވަމުން ގޮސް އެންމެ ފަހުން ވީރު އަލީ ދީދީ މަރުވެ، ހާދިސާއަށް 24 ގަޑިއިރު ވަޅުލައިފިއެވެ.
ވީރު އަލީ ދީދީގެ މަރުގެ ޚަބަރު މާލެއަށް، މުހައްމަދު އަމީނަށް ލިބުމުން ބޭނުންފުޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް އަމިއްލައަށް ހުވަދުއަތޮޅަށް ދަތުރު ކުރައްވާށެވެ. އަމީން ދީދީގެ މި ދަތުރުގެ މައުލޫމާތު ހަކީމް ދީދީ އަށާއި ބައިވެރިންނަށް ވެސް ލިބި އަމީނު ދީދީއަށް ސިހުރުން ހަމަލާދީ ނެތިކޮށްލުމަށް، ނުވަތަ އޭނާގެ ބާރު ކަނޑުވާލުމަށް ތައްޔާރުވަމުން ދިޔައެވެ. (ނޯޓު: ގއ. އަދި ގދ.ގެ ބައެއް މީހުން ބުނާ ގޮތުގައި މުހައްމަދު އަމީނު މައްސަލަ ބެއްލެވުމަށް ހުވަދުއަތޮޅަށް ދަތުރުކުރެއް ނުކުރައްވައެވެ.)
(ނުުނިމޭ)https://mikalnews.com/report/12531/
ތާރީޚު: ދިވެހި ރާއްޖޭގައި މަރުހިފުމުގެ ހާދިސާ 2
ތާރީޚު(ކުރީގެ ބަޔާއި ގުޅޭ)
ވީރު އަލީ ދީދީގެ މަރުގެ ޚަބަރު މާލެއަށް، މުހައްމަދު އަމީނަށް ލިބުމުން ބޭނުންފުޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް އަމިއްލައަށް ހުވަދުއަތޮޅަށް ދަތުރު ކުރައްވާށެވެ. އަމީން ދީދީގެ މި ދަތުރުގެ މައުލޫމާތު ހަކީމް ދީދީ އަށާއި ބައިވެރިންނަށް ވެސް ލިބި އަމީނު ދީދީއަށް ސިހުރުން ހަމަލާދީ ނެތިކޮށްލުމަށް، ނުވަތަ އޭނާގެ ބާރު ކަނޑުވާލުމަށް ތައްޔާރުވަމުން ދިޔައެވެ. (ނޯޓު: ގއ. އަދި ގދ.ގެ ބައެއް މީހުން ބުނާ ގޮތުގައި މުހައްމަދު އަމީނު މައްސަލަ ބެއްލެވުމަށް ހުވަދުއަތޮޅަށް ދަތުރުކުރެއް ނުކުރައްވައެވެ.)
އަމީނު ދީދީގެ އޮޑި “ހައި ސެންޓް” ހުވަދު އަތޮޅުތެރޭ ދަތުރު ކުރަމުން ދިޔައިރު ހަކީމް ދީދީ އާއި، ދޮން އަހުމަދުގެ އަލީ ތަކުރުފާނާއި، ދޮންދިޔަގެ ޢަލީ ތަކުރުފާނާއ،ި މި 3 މީހުން ގއ.ވިލިނގިލީ ޤަބުރުސްތާނުގައި ވަޅުލާފައިވާ ތުއްތު ދެ ކުއްޖެއްގެ މަހާނަ ކޮނެގެން ގަބުރުގެ މޭގަނޑުނަގައި އެއިން ތެޔޮ ހޭނިއެވެ. އަދި އެ ތެޔޮ އެ މީހުންގެ ހަށިގަނޑުގައި އުނގުޅައި، ތެޔޮހާނާފައި ބާކީ ހުރި ކުނޑިތައް (ކާވި) ކެއީ ކަމަށް ވެއެވެ. މީގެ އިތުރުން ހޭނި ތެޔޮ އަޅައިގެން ގޮދަން ފުށްގަޑެއް މޮޑެގެން، އަމީން ދީދީގެ ސޫރައެއް ހަކީމް ދީދީ ހެދިއެވެ. އަދި ދެ އަލީ ތަކުރުފާނު ލައްވައި އެ ރޯ ފުށްގަޑުގެ ސޫރަ ކައި ހުސްކުރުމަށް އެންގިއެވެ. ނަމަވެސް އެމީހުންނަށް އެ ސޫރަ ކައިކައި ހުސްނުކުރެވި ހޮޑުލެވެން ފެށީ ކަމަށް ވެއެވެ.
އެދުވަސްވަރު، މަސްފަންޑިތަ އާއި އިސްތިރި ވަރިތޮޅި އަދި ސިހުރު ހާހޫރައިގެ ފަންޑިތަވެރިކަމުގެ އެންމެ ކުޅަދާނަ، ބާރު ގަދަމީހާ ހަކީމު ދީދީއަށް، “ފުށްގަނޑު ސޫރަ” ކައި ހުސްކޮށް ނުލެވުމުން އޭނާގެ މަގުސަދު ހާސިލު ނުވެދާނެ ކަމަށް ގަބޫލުކުރެވުނެވެ. ނަމަވެސް އޭނާ ބޭނުންވީ އިތުރަށް ފަންޑިތަހަދައި އަމީނު ދިދީއަށް ވިލިނގިލީ ކައިރީ އޮތް ނިލަންދޫއަށް އޭނާ ބަލާއައިސް އެރުނަ ނުދިނުމަށެވެ.
ބައެއް މީހުން ބުނާ ގޮތުގައި އޭރު މުހައްމަދު އަމީނު ވަނީ ހަކީމު ދީދީއާއި ދެކޮޅަށް އޭނާގެ ދެ އަންހެން ދަރީން ރީތީގެ މުބާރާތް “މިސް ފަތްމިނި” އަށް މާލެ ގެންގޮސްފައެވެ. އެކަމުގެ ނުރުހުމާއި ބަދަލު ހިފުމުގެ ރޫހު ހަކީމު ދީދީގެ ވެސް އޮތް ކަމަށެވެ. ހަމަ އެއާއެކު، އެދުވަސްކޮޅު މަލޭގައި ސޯސަން ވިލާގައި ބަހައްޓާފައި ހުރި ހަކީމު ދީދީގެ އަންހެން ދަރިއަށް މުހައްމަދު އަމީނުގެ ކަރުގައި ހުރި ފާރުގަނޑެއް ދައްކާފައި އެއީ ހަކީމު ދީދީގެ ސިހުރުގެ ކަމެއްކަމަށް މުޙައްމަދު އަމީނު ބުނިކަމަށް ވެސް ވެއެވެ. ވުމާއެކު މުހައްމަދު އަމީނު ވެސް ބޭނުންވެފައި އޮތީީ، އޭރު މަޝްހޫރު ފަންޑިތަވެރިޔާ ހަކީމު ދީދީގެ ކިބައިން ބަދަލުހިފުމަށް ކަމަށް ވެއެވެ. އަދި ސިހުރު ހާހޫރައިގެ ފަންޑިތަވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން ކުރިއަށް ނުކުމެހުރި ކަމަށް ވެއެވެ.
ހުވަދޫއަތޮޅު
ގއ.ނިލަންދޫ ފާލާމާއި ދިމާލުން ހޮޅުއަށީގައި ހަކީމު ދީދީއާއި ރަށުގެ ބޮޑެތި މީހުން ސިޔާސީ ވާހަކައާއި އެކިއެކި ވާހަކަ ދެއްކުމުގައި ތިއްބާ، ކުއްލިއަކަށް ހަކީމު ދީދީ ފުންމައިގެން ތެދުވެފައި “އެ އަންނަނީ ތިމަންނަ ބަލާ” ކަމަށް ބުނެ ރަށާއި ދިމަލަށް ފަޅުތެރެއިން އަންނަ ކުޑަ އުޅަނދެއް ދެއްކިއެވެ. އަދި ރަށަށް އަރާކަށް ލާހިކެއް ނޫން ކަމަށް ބުނެ، ތެދުވެގެން ގޮނޑުދޮށަށް ގޮސް ‘ތިން ރަމަލުން ރަލަމަލް’ ޖެހިކަމަށެވެ. އަދި އެއާއެކު އުޑުމަތި ބަނަވާން ފަށައި، ކަނޑު ގަދަވެ ރާޅުތައް ބޮޑެތިވާން ފެށިކަމަށެވެ.
އެއީ މުހަމައްދު އަމީނު ދަތުރުކުރަމުންދިޔަ ޑިންގީ ގއ.ނިލަންދޫ އާއި ދިމާލަށް ދިޔަ ވަގުތުކަމަށް ވެއެވެ. ހަކީމު ދީދީގެ ފަންޑިތައާއެކު ޑިންގީ އަޑިއަށް ދާހެން ރަށުގައި ތިބި މީހުންނަށް ހީވި ކަމަށެވެ. ބައެއްފަހަރު ނަގާ ރާޅުތަކުގެ ތެރެއަށް ޑިންގީ އެއްކޮށް ގެއްލެއެވެ. ނަމަވެސް ރާޅުތަކުގެ ތެރެއިން ޑިންގީ ރަށާއި ކައިރި ވަމުން ދިޔައެވެ. އެއާއެކު ހަކީމު ދީދީ އަށް ކާމިޔާބު ނުލިބުނު ކަން ޔަގީންވެ އަވަހަށް އެތަނުން ގޮސްފިއެވެ. ފާލަން ކައިރިއަށް އެއްވެފައިވާ މީހުންތަކުގެ ތެރެއިން، އައިނެއް އަޅައިގެން ހުރެ ރަށަށް ފޭބީ އޭރުގެ ރާއްޖޭގެ ވެރިކަމުގައި ހުރި އެންމެ ބާރުގަދަ ވެރިޔާ، ބޮޑުވަޒީރު މުހައްމަދު އަމީނެވެ. އަމީން ދީދީ އެރަށަށް އެއައީ އަތޮޅުވެރިޔާ ވީރު އަލީ ދީދީގެ މަރުގެ ތަހުގީގަށް ހަކީމު ދީދީ ބަލައިކަން އެންމެންނަށް ޔަގީން ވެގެން ދިޔައެވެ. މީހުންގެ ކަޅިތައް ދެފަރާތަށް ހޫރިލާ ހަކީމު ދީދި ކޮބައިތޯ ބެލިއިރު ފެންނާކަށް ނެތެވެ. ފާލަމާއި މާދުރު ނޫން ހިސާބު ހަކީމު ދީދީގެ ގޭގައި އެނދުގައި ދެއަތް ބޯ ދަށަށްލައިގެން ދެން ކަންތައްކުރަންވީ ގޮތަކާއިމެދު ފިކުރުކުރަން އޮތެވެ. ހަކީމު ދީދީ ނިންމީ އޭނާގެ ފަންޑިތަވެރިކަމުގެ މަޝްހޫރުކަން ދެމިގެން ދާނީ އެގޮތުގައި އެގޮތުގައި މަރާ ހަމަޔަށް ވެސް ދިއުމުން ކަމަށެވެ.
ސިހުރު ފަންޑިތަވެރިކަމުން މިދަތުރުގައި މުހައްމަދު އަމީނަށް އަސަރުކުރާވަރުގެ ކަމެއް ކުރެވޭ ގޮތެއް ނުވިއެވެ. ހަކީމު ދީދީ އާއި މައްސަލާގައި ހިމެނޭ މީހުން މާލެ ގެންގޮސް ޝަރީއަތް ކުރިއެވެ.
ހުޅުވާލައިގެން ބޭއްވި ޝަރީޢަތުގައި ހަކީމް ދީދީ އާއި ދޮން އަޙްމަދުގެ ޢަލީ ތަކުރުފާނު ވަނީ ގިނަބައެއްގެ ކުރިމަތީގައި އެކަން ކުރިކަމަށް އިޢުތިރާފުވެފައެވެ. ނަމަވެސް ދޮންދިޔަގެ އަލީ ތަކުރުފާނު މިކަމަށް އިންކާރު ކުރިކަމަށް ވެއެވެ. އެކަމަކު ދޮންދިޔަގެ ޢަލީ ތަކުރުފާނު ވެސް އެކަމުގައި ބައިވެރިވިކަމަށް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވެފައިވާ ކަމަށް ބަލާފައި ވެއެވެ.
ވިހަ ހިކަ ލައިގެން ސައި ކައްކައިދިން ކަމަށާއި އަދި އެހެނިހެން ގޮތްގޮތުން ވެސް ވީރު އަލިދީދީ ނެތިކޮށްލުމަށް ހިންގި ކަންކަމުގައި ބައިވެރިވިކަމަށް ދޮން އަހުމަދު ދީދީގެ އައިސާފާނު އެއްބަސްވިއެވެ. އަދި އަނީސްގެ އަންހެނުން ފާތިމަތު ދީދީ ވީރުއަލީ ދީދީއަށް ސައި ގެންގޮސް ދިން ކަމަށް އެއްބަސްވިއެވެ.
އެ އެންމެން ވެސް، މީހަކު މެރުމަށް ސިހުރު ހެދުމުގައި ބައިވެރިވިކަން ޝަރީއަތަށް ސާބިތު ކުރެވި، ފަނޑިޔާރު ޖަލާލުއްދީން ހުކުމްކުރެއްވީ ދޮންދިޔަގެ އަލީ ތަކުރުފާނާއި، ދޮން އަހުމަދުގެ ޢަލީ ތަކުރުފާނު އަދި އައިސާ ފާނު 39 އެތިފަހަރުން ތައުޒީރުކުރުމަށް ފަހު އުމުރު ދުވަހަށް ހައްޔަރުގައި ބެހެއްޓުމަށެވެ. އަދި ފާތިމަތު ދީދީ 29 އެތިފަހަރުން ތައުޒީރުކުރުމަށް ހުކުމް ކުރިއެވެ. ނަމަވެސް ފާތިމަތު ދީދީ ވިހަން ކައިރިވެފައި އިނުމުން ހުކުމް ތަންފީޒުކުރުން ވިހައި ގަދަވަންދެން ފަސްކުރެވުނެވެ. ޝަރީއަތުގެ 4 މަސްދުވަހުގެ ތެރެގައި އަނީސް ނިޔާވީއެވެ.
މީހަކު މެރުމުގެ ނިޔަތުގައި ސިހުރު ހެދިކަމަށް އިއުތިރާފުގެ ބަހާއެކު ޝަރީޢަތުގެ މަޖިލީހުން ފަނޑިޔާރު ހުކުމް ކުރެއްވީ ގއ.ނިލަންދޫ ޙަކީމްދީދީގެ މަރު ހިފުމަށެވެ.
ދިވެހި ތާރީޚުގައި މަރުގެ ހުކުމް ތަންފީޒު ކުރި ހަމައެކަނި ހާދިސާގެ ކުށްވެރިން އަދި އޭރުގެ ރައީސް މުހައްމަދު އަމީނު ދިދީ
އެއާއެކު ހަމަ އެދުވަހު، 7 އޭޕްރީލް 1953 ގައި ހަކީމް ދީދީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކަންތައްތައް ހުޅުލޭގައި ކުރިޔަށް ގެންދެވުނެވެ. އެތަނަށް ފަނޑިޔާރު ޖަލާލުއްދީނާއި އޭރުގެ ވަޒީރުލް އަމީން އާންމާއި، ވަޒީރުލްއަމީން އާންމުގެ ވަކީލާއި، މަހުކަމަތުއް ޝަރިއްޔާގެ ވެރިޔާގެ މަގާމުގައި ހުންނެވި އައްޝައިޚް އިބްރާހިމް ރުޝްދީ އަލްއަޒްހަރީ އާއި، ފަޟީލަތުއް ޝައިޚް މަލިމް މޫސާ ކަލޭފާނުގެ ހާޒިިރުވެ ތިއްބެވެ. ބަޑިޖެހުމުހުގެ ކުރިން ހަކީމު ދީދީގެ ފަހު ވަސިއްޔަތެއް އޮތްތޯ އަމީން ދީދީ ފުރުސަތު ދެއްވުމުން ވަސިއްޔަތެއް ނެތްކަމަށް ބުނިކަމަށް ވެއެވެ. އެއާއެކު ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ރުކެއްގައި އައްސާފައި ބަހައްޓައި، ޓިނު އަލިފުޅު ލައްވައި ހަކީމް ދީދީ ގަޔަށް ބަޑިޖަހައި މަރުހިފައިފީއެވެ.
ސިހުރު ހެދުމުން މަރުގެ އަދަބުދިނީއެވެ.
އެއިގެ ކުރިން ވެސް އަދި ފަހުން ދިވެހިރާއްޖެގައި އަދި މިހާތަނަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވާކަން އެނގޭކަށް ނެތެވެވެ. ނަމަވެސް ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވަރިކަން ބަދަލުކޮށްލުމަށް ހަމަލާ ދިންމީހުން މެރުމަށް ހުކުމްކޮށް، އެހުކުމް ތަންފީޒުކުރުން 25 އަހަރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކޮށްފައި ވެއެވެ. މިބުނެވުނު މަރުގެ ދެ ހުކުމް ވެސް ކޮށްފައި ވަނީ އެންމެ މަރުހާލައެއްގެ ކޯޓަކުންނެވެ.
އެއިގެ ފަހުން، ފައިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކޯޓުތަކުން މަރުގެ ހުކުމް ކޮށްފައި ވެއެވެ. 2017 ވަނަ އަހަރު ރައީސް ޔާމީނު ވަނީ ރާއްޖޭގައި އަލުން މަރުގެ ހުކުމް ތަންފީޒުކުރުން އެ އަހަރު ސެޕްޓެމްބަރު މަހު ފަށާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކ.މާފުށީ ޖަލުގައި މަރުގެ ހުކުމް ތަންފީޒު ކުރަން ޚާއްސަ ކޮޓަރިއެއް ހަދާފައިވެއެވެ. މަރުހިފުމަށް ކަނޑައަޅާފައި ވަނީ ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖިކްޝަން ޖަހައިގެން ނެވެ. މި ދެ ގޮތަށް ވެސް މަރުގެ ހުކުމް ތަންފީޒުކުރަން ބޭނުންވާ ސާމާނު ވެސް ހޯދައި ވަނީ ތައްޔާރުކޮށްފައެވެ.
ރާއްޖެގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ހަދާފައިވާ ކޮޓަރީގައި ހުރި ‘މަރު އެނދު’ 2017. ފޮޓޯ މިހާރު ނޫސް.
ރާއްޖޭގެ ކޯޓުތަކުން މަރުހިފުމަށް ހުކުމްކޮށް، އިސްތިއުނާފު މަރުހަލާތައް ނިންމާފައިވާ 3 މީހަކު އެބަތިއްބެވެ. އެއީ ދުުވާފަރު ދާއިރާގެ ރައްޔިތުންގެ މަޖުލިސް މެމްބަރު، އަދި މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. އަފްރާޝީމްގެ އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލް އަދި ގާނޫނީ ވަކީލް އަހުމަދު ނަޖީބްގެ ގާތިލް އަހުމަދު މުއްރަތެވެ.
ނަމަވެސް އެއިން މީހަކަށް މަރުގެ ހުކުމް އަދި މިހާތަނަށް ތަންފީޒުކޮށްފައެއް ނުވެއެވެ.
ނޯޓް: މިހާދިސާގެ މައުލޫމާތު ގެނެސް ދީފައި ވަނީ މިކަމާއި ގުޅޭގޮތުން އެކި ފަރާތްތަކުން ލިޔެފައިވާ ލިޔުންތަކުގެ މައްޗަށް ބަލައިގެންވެ. އެގޮތުން މި ހާދިސާ ގއ. ނިލަންދޫއަށް ދަތުރުކޮށް އެރަށު މުސްކުޅިންގެ ބަސްތައް ހޯދައި ދިރާސާކޮށް ލިޔުނު ޑެނިއަލް ބޮސްލޭގެ ލިޔުމާއި maldivesculture.com ގެ ލިޔުމާއި ހަވީރު ނޫހުގެ (12 ފެބްރުއަރީ 2002)ގައި ލިޔެފައިވާ ލިޔުމެއް ހިިމެނެއެވެ.
މިހާދިސާ ހިނގިގޮތް ކަމަށް އެކި މީހުން ކިޔައިދީފައިވާ ގޮތާއި އެކި ލިޔުންތަކުގައި ތަފާތު ހުރި ކަން ފާހަގަ ކުރަމަވެ. ވުމާއެކު ސިދާ ތެދު ހަގީގަތަކީ ކޮބަިއކަން ބައެއްކަންކަމުގައި ޔަގީން ކުރެވޭގޮތް ވަނީ ނުވެފައެވެ.
ތާރީޚު(ކުރީގެ ބަޔާއި ގުޅޭ) ވީރު އަލީ ދީދީގެ މަރުގެ ޚަބަރު މާލެއަށް، މުހައްމަދު އަމީނަށް ލިބުމުން ބޭނުންފުޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް










